ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ %31 މަސައްކަތް ނިމިއްޖެ

17 މެއި 2021 - 8:27

 އެމް.ޑަބްލިޔު.އެސް.ސީއިން ކުރިޔަށް ގެންދާ ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %31 ނިމިއްޖެއެވެ. މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %58 އަދި 9.5 ކިލޯ މީޓަރގެ ދިގު ފެން ހޮޅިގެ މައިނެޓްވޯރކްގެ ހޮޅިވަޅުލުމުގެ %93 މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން، ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މިމަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 50% އަދި ޕަންޕިން ސްޓޭޝަންތަކުގެ %44 މަސައްކަތް ވަނީ ނިމފައެވެ. މީގެއިތުރުން، ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މިއާއެކު، މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޖުމްލަ 38،245،917.74 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.