މާލޭގައި ދިރިއުޅޭ 500 އާއިލާއަކަށް ރަށަށް ބަދަލުވުމަށް ޖެންޑަރ މިނިސްޓްރީން އެހީދެނީ

31 ޖެނުއަރީ 2021 - 8:20

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން 500 އާޢިލާއަކަށް ރަށައް ދެވޭނެ މަގު ފަހިކޮށްދޭނެކަމަށެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ، އޭނާގެ ފޭސްބުކްގައި ވިދާޅުވީ، މާލޭގައި ދިރިއުޅެން ދަތިވެފައިވާ، ކުޑަކުދިންނާއެކު ދިރިއުޅޭ އާއިލާތައް، އެނބުރި ރަށަށް ދާން ބޭނުންވާ ނަމަ ސަރުކާރުން އެކަން ފަހިކޮށްދޭނެ ކަމަށެވެ. އެ ކަމަށް އެދޭ މީހުން، އެ މިނިސްޓްރީގެ ނަމްބަރު 1421އަށް ގުޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަނެފައެވެ.
ޖެންޑަރ މިނިސްޓްރީން މިހާރު އަންނަނީ ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން “އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުން” މިނަމުގައި އުސޫލެއް އެކުލަވާލައި އަންނަ މަހުގެތެރޭގައި ގެޒެޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެއަށްފަހު މިއެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ބޯހިޔާވަހިކަމުގެ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެހީވުމުގެގޮތުން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މިގޮތުން ފުރަތަމަ ފިޔަވަހި ޚާއްސަކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށެވެ. އަދި ދެވަނަ ފިޔަވަހި ޚާއްސަކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށެވެ.