އަތޮޅުތެރޭގައި ގާއިމްކުރި ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓައިފި

21 ޖެނުއަރީ 2021 - 9:51

އަތޮޅުތެރޭގެ ރަށެއްގައި ބެހެއްޓި ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓައިފިއެވެ. 

އިއްޔެ ހަވީރު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ގޭސް ޕްލާންޓް ހުޅުއްވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފުއެވެ. މި ގޭސް ޕްލާންޓް އެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވަނީ މޯލްޑިވް ގޭސްގެ ފަރާތުންނެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރ އަލީ އިކްރާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ގޭސް ޕްލާންޓް ހުޅުވިގެންދިޔުމާއެކު ޔާސިރު ވިދާޅުވީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ގޮސް ރައްޔިތުންގެ އިތުބާރު ހިފޭ ސިއްޚީ ނިޒާމެއް މި ސަރުކާރުން އަތޮޅުތެރޭގައި ގާއިމްކުރަމުން އަންނަ ކަމަށެވެ. އަދި ސިއްޚީ ނިޒާމަށް ގެނެވޭ މި ހެޔޮ ބަދަލުތަކާއެކު އަތޮޅުތެރޭގެ ރައްޔިތުންގެ ހިތްތަކުގައި ރަން އަކުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު ލިޔެވިގެންދާނެ ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ. 

މީގެކުރިން ރާއްޖޭގައި އޮކްސިޖަން ރައްކާކުރޭ ކެޕޭސިޓީއަކީ އެއް މިލިއަން ލީޓަރެވެ. އެހެން ނަމަވެސް ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށާއި އެ ބައްޔަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ރާއްޖޭގެ އޮކްސިޖަން ކެޕޭސިޓީ އިތުރުކުރުމަށް ކުރިޔަށް ގެންދިޔަ ޚާއްސަ މަސައްކަތްތަކާއެކު އެ އަދަދު ވަނީ މިހާރު 77 މިލިއަން ލީޓަރަށް އިތުރުކުރެވިފައެވެ. އިއްޔެގެ ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ އެކްޓިންގ އެމްޑީ ވަނީ މިފަދަ އެހެނިހެން ޕްލާންޓްތައް ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ވެސް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.