ފެނަކައަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް
28 އެޕްރީލް 2021 - 8:54
ފެނަކަ ކޯޕަރޭޝަނަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިއްޖެއެވެ.
އިންޓަރނޭޝަނަލް ފައިނޭންސް އެވޯޑްސް އިން ދޭ އެވޯޑުގެ ތެރެއިން ފެނަކައަށް ލިބިފައިވާ އެއް އެވޯޑު ލިބިފައިވަނީ ލ. ގަމުގައި އެކުންފުނިން ކުރިއަށް ގެންދިޔަ އިންޓަރ ކަނެކްޝަން ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓަށް ލިބިފައިވަނީ ބެސްޓް ގްރީން ޕްރޮޖެކްޓު އެވޯޑެވެ. ދެވަނަ އެވޯޑު ލިބިފައިވަނީ އެނަރޖީ/ޔުޓިލިޓީ ކެޓަގަރީންނެވެ. އެ ކެޓަގަރީން ލިބިފައިވަނީ ބެސްޓް ގްރީން އިނިޝިއޭޓިވް އެވޯޑެވެ.
ފެނަކަ މީގެ ކުރިން ވެސް ވަނީ އެތައް އެވޯޑެއް ހާސިލް ކޮށްފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގެ ގާލާގައި "އެކްސެލެންސް އިން ޔުނިޓީ" އެވޯޑާއި އަދިވެސް އިތުރު އެވޯޑު ހިމެނެއެވެ. އޭގެ އިތުރަށް މެނޭޖިންޑިރެކްޓަރ ސަޢީދު ވެސް ވަނީ އެމްޑީގެ ގޮތުގައި މަސައްކަތް ކުރައްވައި އެވޯޑުތަކެއް ހާސިލް ކުރައްވައިފައެވެ. އޭނާ ހޯއްދެވި އެވޯޑުތަކުގެ ތެރޭގައި އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އިން ހޮވާ އެންމެ ކުޅަދާނަ ސީއީއޯގެ އެވޯޑާއި އޭޝިއަން ޔުޓިލިޓީ ވީކުން ހޮވާ "އިންޑަސްޓްރީ ލީޑަރ 2019" އެވޯޑު ވެސް ހިމެނެއެވެ.
މިފަހަރު އެވޯޑު ލިބުނު ޕްރޮޖެކްޓުގައި ފެނަކައިން ވަނީ ލ. ގަމުގެ ތިން އަވަށެއް އެއް ވިއުގައަކުން ކަރަންޓު ލިބެނޭގޮތަށް ގުޅާލައިފައެވެ. އެއީ މުކުރިމަގާއި މަތިމަރަދުއާއި ތުނޑީ އަވަށެވެ. އޭގެ ކުރިން ތިން އަވަށަށް ވެސް ކަރަންޓު ފޯރުކޮށްދެމުން ގެންދިޔައީ ތަފާތު ތިން އިންޖީނުގެއަކުންނެވެ.
އިންޓަރނޭޝަނަލް ފައިނޭންސް އެވޯޑަކީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ވަރަށް ރަނގަޅަށް މޮނިޓަރކުރުމަށްފަހު ކަމާގުޅޭ ކުޅަދާނަ މާހިރުން ހިމެނޭ ރިސާޗް ޓީމަކުން ނޮމިނޭޓުކުރާ ކުންފުނިތަކެއް އިވެލުއޭޓު ކުރުމަށްފަހު ދޭ އެވޯޑެކެވެ. އެވޯޑު ދިނުމުގެ ކުރިން އެކުންފުންޏެއްގެ ކާމިޔާބިތަކަށް ވެސް ރިއާޔަތް ކުރެއެވެ. ފެނަކައަކީ އައިއެސްއޯ ސެޓިފައިޑް ކުންފުންޏެކެވެ.
މި ކާމިޔާބީއާ ގުޅިގެން އެމްޑީ ސަޢީދު ވިދާޅުވެފައިވަނީ މިއީ ފެނަކައިގެ މުޅި ޓީމް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށެވެ. ހުރިހާ ރިވެތި ނަމާއި ޝަރަފެއް އޮތީ ފެނަކަ ޓީމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.