ވިޒިޓް މޯލްޑިވްސް އެއަރ އަސްތާނާއާ ގުޅިގެން ރާއްޖޭ އިޝްތިހާރުކުރުމަށް ކެމްޕެއިނެއް ފަށައިފި

24 އެޕްރީލް 2021 - 10:10

ކަޒަކިސްތާންގެ ޤައުމީ އެއާލައިން، އެއަރ އަސްތާނާއާއި ގުޅިގެން އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަޒަކިސްތާންގައި އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށެވެ.

މި ކެމްޕެއިންގައި ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމާރސްއަށް ހާއްސަކޮށް އިޝްތިހާރުކުރުމުގެ ހަރަކާތްތައް ހިމެނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޓްރެވެލް އެޖެންސީތަކަށް އަމާޒުކޮށް ވެބިނަރއެއް ބޭއްވުން ހިމެނެއެވެ. އަދި މީގެ އިތުރުން ފަތުރުވެރިންނަށް އަމާޒުކޮށް ޑިޖިޓަލް މީޑިއާ ހަރަކާތްތަކާއި އެމްބިއެންޓް އައުޓްޑޯރ ކެމްޕެއިނާއި ރޭޑިއޯގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުންވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މި ކެމްޕެއިންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މިމަހު 21 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކަޒަކްސްތާންގެ ޓްރެވެލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ކަޒަކިސްތާންގެ އޭޖެންޓުންނަށް މެހެމާންދާރީ އަދާކުރަނީ ކަނުހުރާ މޯލްޑިވްސްއާއި ސިކްސް ސެންސަސް ލާމުގައެވެ. ޓްރެވަލް އޭޖެންޓުންގެ ދެވަނަ ޓީމެއް މި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް އައުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި އެ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ އަދާރަން ސިލެކްޓް މީދުއްޕަރު، ވެލައްސަރު މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސްގައެވެ.

އެއަރ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މިދަތުރު ވެގެންދިޔައީ ރާއްޖެއާއި ކަޒަކްސްތާނާއި ދެމެދު ދަތުރުފަތުރުކުރުމުގެ ގުޅުން ބަދަހިކުރުމާއި ދިވެހި ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރުމަށް ފްލައިޓް ކަނެކްޓިވިޓީ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.

ކަޒަކިސްތާނުން ޑައިރެކްޓް ފްލައިޓުތައް ދިވެހިރާއްޖެއަށް ދަތުރުކުރަން ފެށުމާއި ގުޅިގެން ކަޒަކިސްތާން މާކެޓް ވެގެންދިޔައީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 5 ވަނަ އެންމެ ބޮޑު ސޯސްމާކެޓަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ކަޒަކިސްތާނުން ރާއްޖެއަށް 14567 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.