ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާޙް ކޮއްފި

22 އެޕްރީލް 2021 - 10:07

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ޖަލްސާ މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ. މި ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ޖަލްސާ ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްއަކީ ސަރުކާރުން ވަރަށް މާތް މަޤްސަދެއްގައި ފެށި މަސައްކަތެއްކަމާއި ސަރުކާރާއި، އެސް.އޯ.އީ ތަކާއި އަދި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ޤައުމީ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު މި އިފްތިތާހް ކުރެވެނީ ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގެ ފެށުންކަންވެސް ފާހަގަކުރެއްވިއެވެ.

އަދި މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވި ގޮތުގައި ތެރަޕއުޓިކް ދާއިރާއިން މި ހުޅުވާލާ ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސް.އޯ.އީ ތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތައް ހިމެނޭ ގޮތަށް 10 ފަރާތަކުންނެވެ. އަދި މިއީ ސަރުކާރާއި. އެ.ސްއޯ.އީ ތަކާއި އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްކުރެވޭނެ ކަމުގެ ލާމަސީލު ހެއްކެއްކަން ވެސް ފާހަގަކުރެއްވިއެވެ.

އަދި މިނިސްޓްރީ އޮފް ހެލްތް އާއި ގުޅިގެން އަތޮޅުތެރޭގަ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ 177 ޓެކްނިކަލް އަދި އޮޕަރޭޝަނަލް މުވައްޒަފުން ސެޓްފިކެޓް ލެވެލް 2 އިން އޮޓޮމޯޓިވް މެއިންޓަނަންސް އިން ރިޕެއަރ އަދި ސެޓްފިކެޓް ލެވެލް 2 އިން ބިލްޑިންގް މެއިންޓަނަންސް އަށް ތަމްރީނު ކުރަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ. ހަމަމިއާއިއެކު ޖެންޑަރ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުޑަކުދިންގެ ހިޔާ އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގަ މަސައްކަތްކުރައްވާ ‘ކެއާ ޓޭކަރސް’ އަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހިންގުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.

ޖަލްސާގެ ޝަރަފްވެރި މެހެމާނ، ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، ރާއްޖޭގެ އިޖްތިމާޢީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވާ ސަމާލުކަމާއި އަހައްމިޔަތުގެ ސަބަބުން ސަރުކާރުގެ އެކި ވުޒާރާތަކުން ސޯޝަލް ސެކްޓަރ އަށް އަންނަމުންދާ ހެޔޮ ބަދަލުތައް ކަންވެސް ފާހަގަކުރެއްވިއެވެ. އަދި ޕްރައިވެޓް ސެކްޓަރ އާއި، އެސް.އޯ.އީ ތަކާއި ސަރުކާރާއި ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރެވި ދިވެހިރާއްޖޭގެ ތަރައްޤީ ހަލުވި ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ޚާއްސަ ސަމާލުކަމެއްދެވިގެން، ޚާއްސަ ޕްރޮޖެކުޓެއްގެ ގޮތުގައި އެސް އޯއީ ތަކާއި ޕްރައިވެޓު ސެކުޓަރތަކާގުޅިގެން މިދާއިރާއިން އިތުރު ދިވެހިން ތަމްރިނުކުރުމަށް މިހާރު ސަރުކާރުން މިވަނި ނިންމާފައެވެ. އެގޮތުން އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗު ތެރަޕީ ކޯސްތަކުގައި އިންޑިއާގެ އެކި ކޮލެޖު / ޔުނިވަރސިޓީ ތަކަށް ދިވެހިން ފޮނުވައިގެން، މި ދާއިރާތަކުން ތަމްރީންކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ދިވެހި މުޖުތަމަޢުގައި ގިނަ ޢަދަދެއްގެ އަފުރާދުންނަށް ޚިދުމަތްލިބެން ނެތް މިހާ ބޭނުންތެރިކަން ބޮޑު ދާއިރާއަކަށް ތެރަޕިއުޓިކު ދާއިރާ ވެފައިވާތީ، މިހާރު ސަރުކާރުން އަމާޒު ހިފާފައިމިވަނީ ރާއްޖޭގެ އެކި އެކި އަތޮޅުތަކުން ބޭނުންވާ އެކި އެކި ތެރަޕީތައް ފަސޭހައިން ލިބޭނޭފަދަ ގޮތަކަށް އިންސާނީ ވަސިލަތްތައް ތަރައްޤީ ކުރުމަށެވެ.

މި ޚާއްސަ މަސައްކަތް ފެށުމަށް ކޯޕަރޭޓް ސްކޮލަރޝިޕްގެ ދަށުން ދީލަތި އެހީތެރިކަން ވެދެއްވައިފައިވާ ފަރާތްތަކަކީ:

#Name
1Naid Trading Private Ltd
2Lily International Pvt Ltd
3Sonee Hardware Pvt.Ltd
4Male' Water & Sewerage Company Pvt. Ltd
5Mohamed Ali Janah
6Dhiraagu
7State Electric Company Limited
8State Trading Organization
9Alia Investment Pvt Ltd
10 Maldives Transport and Contracting Company (MTCC)