ބ. ކެންދޫ މަޤާމުފުޅު މަރާމާތުކޮށް އިތުރަށް ވަރުގަދަ ކުރަނީ

21 އެޕްރީލް 2021 - 10:32

ބ. ކެންދޫ މަޤާމުފުޅު މަރާމާތުކޮށް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރިީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކެންދޫ މަޤާމުފުޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެމް ދާއިރާ އިންވެސްޓްމަންޓް އާއެވެ. އެކުންފުންޏާއެކު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 3 ވަނަ ދުވަހުއެވެ.

މި މަސައްކަތްކުރުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 87 ދުވަސް ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. ފުރަތަމަ ފިޔަވަހީގައި މަޤާމުފުޅުގެ ފާރަށް ލިބިފައިވާ ގެއްލުން މަރާމާތުކޮށް، ބިނާ އިތުރަށް ވަރުގަދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތަށް 3 ލައްކަ 55 ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

1200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ބ. ކެންދޫއަކީ ރާއްޖޭގެ ޤަދީމީ ތާރީޚީ ރަށެކެވެ. ކެންދޫ މަޝްހޫރުވެފައިވަނީ ރާއްޖެއިން ފުރަތަމަ އިސްލާމްވި ރަށުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި ޔޫސުފް ބަރުބަރީ ފުރަތަމަ ވަޑައިގަތީ ކެންދުއަށެވެ. ކެންދޫއަށް ވަޑައިގެން ކެންދޫގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ރަށުގައި މަޑުކުރެއްވި ވަގުތު ކޮޅުގައި ނަމާދުކުރެއްވުމަށް ހުންނެވިތަން ނުވަތަ އެމަޤާމް ފާހަގަކުރުމުގެ ގޮތުން ބިނާއެއްވަނީ ހަދާފައެވެ. އެތަނަށް ދީފާއިވާ ނަމަކީ ތަބްރޭޒްގެފާނުގެ މާޤާމުފުޅެވެ. މިއީ ޔޫސުފް ބަރުބަރީގެ ހަނދާނުގައި ކެންދޫ ރައްޔިތުން ބިނާކުރެއްވިތަނެކެވެ.

ކެންދޫގައި ހުރި އެންމެ ދުވަސްވީ އާޘާރީ ބިނާއަކީ، ތަބްރޭޒްގެފާނަށް ނިސްބަތްވާ މި މަޤާމްފުޅެވެ. ތާރީޚީ މުހިއްމު ހާދިސާއެއް ގުޅިފައިވާ ތަނެއްގެ އިތުރުން މި މަޤާމުފުޅަކީ ދިވެހިރާއްޖޭގައި ނުފެންނަ ޚާއްސަ ބިނާކުރުމުގެ ވައްޓަފާޅިއެއް ފެންނަ ބިނާއެކެވެ.