ގދ.ތިނަދޫގައި ދޫނުކޮށްހުރި 15 ހައުސިންގ ޔުނިޓް ލިބުނު ފަރާތްތައް އާންމުކޮށްފި

21 އެޕްރީލް 2021 - 9:49

ގދ.ތިނަދޫގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫނުކޮށްހުރި 15 ޔުނިޓު ލިބުނު ފަރާތްތަކުގެ ދަޢިމީ ލިސްޓް އާއްމުކޮށްފިއެވެ.

މި ފްލެޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ތިނަދޫ ރަށްވެހިންގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށެއްގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށްށެވެ. މި ފްލެޓްތަކަށް ދެމަފިރިންނަށް ވަކިވަކިންވެސް ފޯމް ހުށައެޅުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ފްލެޓަށް ދެމަފިރިން ހޮވިއްޖެނަމަ، ފްލެޓް ދުކުރާނީ ކޮންމެވެސް އެކަކަށެވެ.

މި 15 ފްލެޓަކީ ކެޓަގަރީ- އޭ ގެ ދަށުން ހަމައެކަނި ތިނަދޫ ރަށްވެހިންނަށް ޚާއްސަކޮށްފައިވާ ފްލެޓެވެ. ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ދޫކުރާ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި 19،000ރުފިޔާ ދައްކަންޖެހެއެވެ. އަދި 25 އަހަރުން ފައިސާ ދައްކާ ޚަލާސްކުރާ ފްލެޓްތަކަށް މަހަކު ދައްކަންޖެހެނީ 3،550 ރުފިޔާއެވެ. މި 15 ހައުސިން ޔުނިޓަކީ، ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެދަށުން އެރަށުގައި އެޅި 120 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ ފްލެޓްތަކެކެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ.ތިނަދޫގައި އިމާރާތްކުރި 120 ފްލެޓްގެ ތެރޭގައި ހިމެނެނީ “އޭ” ކެޓެގަރީގެ 80 ފްލެޓެވެ. އަދި “ބީ” ކެޓަގަރީގައި ހިމެނެނީ 25 ފްލެޓެވެ. އަދި “ސީ” ކެޓަގަރީގައި ހިމެނެނީ 15 ފްލެޓެވެ.