ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީގެ ފްލެޓްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

19 އެޕްރީލް 2021 - 10:31

ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ލިބޭ ފްލެޓްތަކުގެ ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން ފްލެޓަށް އެދެން ޕްލޭނިން މިނިސްޓްރީން ހުޅުވައިލި މުއްދަތު އިތުރު ކޮށްފި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށް ދާތީ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވެސް ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފަންނީ ކެޓެގަރީގެ ފަރާތްތަކަށް ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަންނީ ކެޓެގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ މީހުންނެވެ. ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ބޯހިޔާވަހިކަން ހޯދައިދިނުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކުން އެގޮތަށް އެދެމުން ދާތީ ކަމަށެވެ. ސަރުކާރުގެ ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ލިބެން އޮތީ އެޗްޑީސީ އިން ތަރައްގީ ކުރަމުން އަންނަ “ވިނަރެސް” ފްލެޓްތައް ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. 1344 ހައުސިން ޔުނިޓްގެ މި މަޝްރޫއުގެ ދަށުން އެ ފްލެޓްތައް ކުޑަ އަގެއްގައި ލިބޭނެ ކަމަށް ވެސް ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން ފަންނީ ކެޓެގަރީގައި ހިމެނޭ ފަރާތްތަކަށް އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، އެމީހުންގެ އާމްދަނީއަށް ރިއާޔަތްކުރުމަށް ފަހު އެ ކެޓެގަރީގެ މީހުންނަށް ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށެވެ.