ލާމަރުކަޒީ ނިޒާމާ ގުޅޭ 101 ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރެފި

18 އެޕްރީލް 2021 - 15:30

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމާ ގުޅޭ 101 ސުވާލާއި އެ ސުވާލުތަކުގެ ޖަވާބު ހިމެނޭ ފޮތެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފިއެވެ.

އެލްޖީއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ އެލްޖީއޭގެ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފްއާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

އެލްޖީއޭއިން ބުނި ގޮތުގައި މި ފޮތަކީ، ލާމަރުކަޒީ ނިޒާމާއި ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކާއި، އެ ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ ކައުންސިލަރުންނާއި ނިޒާމާއި ރައްޔިތުންނާއި ހުރި ގުޅުމާއި ގުޅޭ ގޮތުން މުހިއްމު މައުލޫމާތުތަކެއް އާންމުންނަށް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި 101 ސުވާލާއި ޖަވާބުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފޮތެކެވެ.

އެލްޖީއޭ އިން ލާމަރުކަޒީ ނިޒާމުގެ މައިލޫމާތު ހިމެނޭ ފޮތް ނެރުމަށް ބެއްވި ހަފްލާގެ ތެރެއިން - ފޮޓޯ: އެލްޖީއޭ
މި ފޮތުގެ ސަބަބުން އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ވެސް ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ތަފާތު އެކި ސުވާލުތަކުގެ ޖަވާބު ލިބިގެން ދާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގެނެސްފައިވާ އިސްލާހުތަކާ އެކީ، އަންނަ މަހު ކައުންސިލްތަކަށް ހުވާ ކުރާ އިންތިޚާބީ ކައުންސިލަރުންނަށް ގިނަ ބާރުތަކެއް ދޫކޮށްލެވިގެން ދާނެއެވެ. މި ގޮތުން ކައުންސިލްގައި ހިމެނޭ ރަށާއި ރަށުގެ ބިންތަކާއި ރަށުގެ އިޚްތިސާސްގައި ހިމެނޭ ފަޅު ރަށްތަކާއި ފަޅުތަކުގެ މިލްކުވެރިކަން ކައުންސިލްތަކަށް ލިބިގެންދެއެވެ. އަދި ވަކި އަގަކަށް ވުރެ ކުޑަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބިޑް ކުރުމުގެ ބާރު ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ޤާނޫނު އިސްލާހު ކޮށްފައިވެއެވެ.