އިންޓަނެޓުގެ އަގުހެޔޮކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތަކެއް ގެންނާނަން: މިނިސްޓަރ ފައްޔާޒު

17 އެޕްރީލް 2021 - 18:17

ރާއްޖޭގެ އިންޓަނެޓުގެ އަގު ހެޔޮކުރަން ކުރިއަށް އޮތް ދުވަސްތަކުގައި މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންޓަނެޓުގެ އަގު ޖީބީއެއް ފަސް ރުފިޔާ ބަޔަށް ކުޑަކުރެވިފައިވާ ކަމަށެވެ.

އަލީ ސާލިހުގެ ޓްވީޓާ ހެދި އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ބައިވެރިވުމަކާ ނުލައި، އިންޓަނެޓު ޕެކޭޖުތަކުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެހާ ބޮޑުވަރެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހައްލަކީ ފެއާ ޔޫސޭޖް ޕްރައިސްއަށް ބަދަލު ގެނައުން ކަމަށް ވިދާޅުވި އެވެ.

އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު އެ މަގާމުން ވަކިކުރުމުން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހަވާލު ކުރީ މިނިސްޓަރު ފައްޔާޒާ އެވެ.

ކުރިން އެ މިނިސްޓްރީ އުވާލާން އުޅޭ ކަމަށް ވާހަކަ ދެކެވުނަސް، ސަރުކާރުން ވަނީ އެ މިނިސްޓްރީ އުވާނުލަން ނިންމައިފަ އެވެ.