ހުޅުމާލޭ އެޗްޑީސީގެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ

16 އެޕްރީލް 2021 - 16:47

ހުޅުމާލޭގައި އެޗްޑީސީގެ ފަރާތުން ތަރައްޤީކުރަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢޫގެ ދަށުން ކުރިން 1500 ފްލެޓު އެޅުމަށް ނިންމާފައިވީނަމަވެސް މިހާރު ޕްރޮޖެކްޓަށް ބަދަލުތަކެއް ގެނެސްފައިވާތީ ފްލެޓުތަކުގެ ޢަދަދު މަދުވެފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިދިޔަ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ހައުސިން ފްލެޓު އެޅުމަށް މަސައްކަތްކޮށްފައިވީނަމަވެސް މިމަޝްރޫޢުގެ މަސައްކަތް އޭރު ކުރިއަށް ގޮސްފައެއް ނުވެއެވެ. ފްލެޓުތަކުގެ ޑިޒައިނަށް ބަލާއިރު ހުޅުމާލޭގައި ފްލެޓު އެޅުމަށް އެކުލަވާލާފައިވާ ޢާއްމު އުސޫލާ ޚިލާފަށް ޕްލޭންކޮށްފައިވާ މިފްލެޓުތަކުގެ ޑިޒައިނަށް މިހާރު އެޗްޑީސީން ވަނީ ބަދަލުގެނެސްފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވި ގޮތުގައި ކުރިން ހުރިގޮތާ ޚިލާފަށް ފްލެޓުތަކުގެ ތިރީގައި ވިޔަފާރި އުސޫލުން ދޫކުރާނެ ސަރަޙައްދާއި ޕާކިންގ ސަރަޙައްދު ޤާއިމުކުރުމަށް ތިރީ 2 ފަންގިފިލާއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. މިއާއެކު މީގެކުރިން ތަރައްޤީކުރުމަށް ނިންމާފައިވާ 1500 ފްލެޓުގެ ބަދަލުގައި ތަރައްްގީކުރާނީ 1344 ފްލެޓުކަމަށް ސުޙެއިލް ވިދާޅުވިއެވެ.

އެޗްޑީސީ އެމްޑީ ސުޙެއިލް އަހުމަދު ވިދާޅުވީ މިފްލެޓުތަކަކީ ޢާއްމުނަށް ހުޅުވާލައިގެން ހައުސިންގ ސްކީމްގެ ދަށުން ވިއްކާނެ ފްލެޓުތައްކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ވިއްކާނެ އަގުތަކާއެކު ޢިއުލާންކޮށް ފްލެޓު ގަތުމަށް ހުޅުވާލާނެކަމަށް ސުޙެއިލް ވިދާޅުވިއެވެ

ސުޙެއިން ވިދާޅުވީ މިހާރު ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާކަމަށާއި މިވަގުތު ކުރަމުން އަންނަނީ އެތެރޭގައި ނިންމަންޖެހޭ އެހެނިހެން މަސައްކަތްތައްކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި މަސައްކަތް އެއްކޮށް ނިންމައި، މޭއި ހިސާބުގައި މިފްލެޓުތަކަށް ވަދެވޭ ވަރުވާނެކަމަށް ސުޙެއިލް ވިދާޅުވިއެވެ. އެޗްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަނީ 14 ބުރީގެ 10 ޓަވަރެވެ.