ލޯކަލް ކައުންސިލް އިންތިހާބުގައި އުތުރު 3 އަތޮޅުގެ ރައީސްކަން އެމްޑީޕީއަށް

14 އެޕްރީލް 2021 - 17:52

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ އަދި ށ އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ.

ހއ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް ދެ ބޭފުޅަކު ވާދަކުރައްވާފައިވެއެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހއ.ދިއްދޫ، ނިޝާން، މޫސާ ޝަފީޤާއި، ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި މާލޭ ސިޓީ، ދަފްތަރު ނަމްބަރު RS6629 ، ހުސައިން ރަޝީދެވެ.

ހއ.އަތޮޅު ކައުންސިލުގެ ރައީސްކަން މޫސާ ޝަފީޤް ކާމިޔާބު ކުރައްވާފައި ވަނީ ވަރަށް ކުޑަ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. ޝަފީޤަށް ވޯޓްލީ މީހުންގެ 50.27 އިންސައްތަ ވޯޓް ލިބިލައްވާފައި ވާއިރު، ހުސައިން ރަޝީދަށް ލިބިލައްވާފައިވަނީ ވޯޓް ލީ މީހުންގެ 49.73 އިންސައްތައެވެ. ޝަފީޤަށް 6152 ވޯޓް ލިބިލައްވާފައިވާއިރު ހުސައިންއަށް ލިބިލައްވާފައިވަނީ 6087 ވޯޓެވެ.

ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް ޖުމްލަ ހަތަރު ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ. އެއީ މިނިވަން ކެނޑީޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހދ.ކުޅުދުއްފުށި، ފީފާ އާދަމް މުޙައްމަދާއި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހދ.ކުޅުދުއްފުށި، ބަބޫގެ، ހުސައިން އަލީއާއި، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހދ.ވައިކަރަދޫ، ފެސްކޯ މުޙައްމަދު ސިރާޖުގެ އިތުރުން ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހދ.ކުޅުދުއްފުށި، ގައުގެ، އަބްދުލް ރައްޒާޤް އަޙްމަދެވެ.

ހދ.އަތޮޅު ކައުންސިލުގެ ރައީސްކަން ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް މުޙައްމަދު ސިރާޖެވެ. ސިރާޖް ވަނީ ވޯޓްލީ މީހުންގެ 45.29 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވާފައެވެ. އެއީ 5002 ވޯޓެވެ. ސިރާޖާއި އެންމެ ކައިރިން މި މަޤާމަށް ވާދަކުރައްވާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުލް ރައްޒާޤް އަޙްމަދަށް ލިބިލައްވާފައި ވަނީ 34.19 އިންސައްތަ ވޯޓެވެ. އެއީ 3776 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް މުޙައްމަދަށް 12.88 އިންސައްތަ ވޯޓް ލިބިލައްވާފައިވާއިރު، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސައިން އަލީއަށް ލިބިލައްވާފައިވަނީ 7.66 އިންސައްތަ ވޯޓެވެ.

ށ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވާދަ ކުރައްވާފައިވަނީ ދެ ބޭފުޅެކެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ށ.މިލަންދޫ، ކެތީހައުސް، މުޙައްމަދު ސިޔާމާއި، ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ށ.ފުނަދޫ، ވީނަސްވިލާ، މުޙައްމަދު އަޙްމަދެވެ.

ށ.އަތޮޅު ކައުންސިލުގެ ރައީސްކަން ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް މުޙައްމަދު ސިޔާމްއެވެ. ސިޔާމް ވަނީ ވޯޓްލީ މީހުންގެ 55.72 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވާފައެވެ. އެއީ 5146 ވޯޓެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު އަޙްމަދަށް ލިބިލައްވާފައިވަނީ 44.28 އިންސައްތަ ވޯޓެވެ. އެއީ 4090 ވޯޓެވެ.