ރިޒޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް 16 ރަށެއް ބީލަމަށް ހުޅުވާލައިފި

14 އެޕްރީލް 2021 - 7:10

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ 16 ރަށެއް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި ރަށްރަށަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ޒޫމް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00އާ ހަމައަށް ހުޅުވާލާނެ އެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މި މަހުގެ 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލަށް ފޮނުވަން ޖެހެ އެވެ.

މީގެ ތެރެއިން ބައެއް ރަށްރަށަކީ މީގެ ކުރިންވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލި ރަށްރަށެވެ.އުތުރާއި ދެކުނުން އަދި މެދު ރާއްޖެ ތެރެ ވެސް ހިމެނޭ ގޮތަށް ރަށްތަކެއް ޓޫރިޒަމަށް ހުޅުވާލިއިރު ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް އުތުރާއި ދެކުނުގެ ޓޫރިޒަމް ބިމު ކުލި ވަނީ ކުޑަކޮށްފަ އެވެ.ޓޫރިޒަމް މިނިސްޓްރީ އިންް ބުނެފައި ވަނީ މި އަހަރު ވެގެންދާނީ ފަތުރުވެރިކަމުގައި އިންވެސްޓްމެންޓުގެ އަހަރަކަށް ކަމަށެވެ.

ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލި ރަށްތައް:

  1. ހއ. ވެލިފިނޮޅު
  2. ހއ. އަލިދުއްފަރުފިނޮޅު
  3. ހދ. ކުޑަފަރުފަސްގަނޑު
  4. މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު (ސީދީހުރާއާއި އެކު)
  5. މ. މާއުސްފުށި
  6. ތ. ކާއްޑޫ
  7. ތ. ކަނިމީދޫ (އުތުރު ފަރާތުން) 10 ހެކްޓަރުގެ ބިން
  8. ތ. އޮޅުފުށި (އޮޅުފުށިފިނޮޅާއި އެކު) އަދި ތ. އޮޅުފުށިފިނޮޅު
  9. ލ. ކަށިދޫ
  10. ލ. ބޮޑުމުންޏަފުށި
  11. ލ. ދޮންބެރަހާ (ހޮޅުރަހާ އާއެކު) އަދި ލ. ހޮޅުރަހާ
  12. ގއ. މާރެހާ
  13. ގއ. ފުނަދޫވިލިގިއްލާ
  14. ގދ. ކަނޑަހަލަގަލާ
  15. ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) އަދި ގދ. ދިގުރެހާ
  16. ގދ. ފެރޭތަވިލިގިއްލާ (ކްލަސްޓަރއެއްގެ ގޮތުގައި) އަދި ދެކަނބާ (ފެރޭތަވިލިގިއްލާއާއި އެކު)، ކޮޑެރަޓާ (ފެރޭތަވިލިގިއްލާއާއި އެކު)، (ކޯޑިނޭޓްސްގައި ހިމެނޭ ރަށް)، (ފެރޭތަވިލިގިއްލާއާއި އެކު)