ޤައުމީ ފެރީ ނިޒާމުގެ 17 ފެރީ ބަނުމަށް ގަލްފް ކްރާފްޓަށް

11 އެޕްރީލް 2021 - 10:06

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ޚިދުމަތް ދޭން 17 ފެރީ ލޯންޗް ބަންނަން، 107 މިލިއަން ރުފިޔާއަށް އެމްޓީސީސީން ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރައްވައި ސޮއިކުރައްވާފައިވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ގަލްފް ކްރާފްޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން 17 ހައި ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓް އިން ކުރާނެ ކަމަށެވެ.

އަލަށް ބަންނަ ހައިސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެއަދި 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ ފެރީތަކެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެގޮތުން މިހާރު އެމްޓީސީސީން ބޭނުންކުރާ ފެރީތަކަށްވުރެ އަލަށް ބަންނަ ފެރީތައް ތިން ގުނަ އަވަސްވާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އަލަށް ބަންނަ ފެރީތަތަކީ ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެރީ ސިސްޓަމަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެ ފެރީތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެ ފެރީގެ ހިދުމަތް ދޭން ފެށުމުގެ ގޮތުން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައްވެސް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ރަށު ފެރީގެ މަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގެ ފެރީގެ ދަތުރުތައް މިއަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތައް ބޭނުންވާ މުވައްޒަފުންގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގެ ނިޒާމު ފޯރުކޮށްދޭން ފަށާނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ނޮވެމްބަރު މަހު ފެރީގެ ހިދުމަތް ދޭން ފަށާނެއެވެ.