ލޯކަލް ކައުންސިލް އިންތިހާބު: ސަރުކާރުގެ ލާމަރުކަޒީ ތަރައްގީގެސިޔާސަތު ރައްޔިތުން ބަލައިގެންފި!

11 އެޕްރީލް 2021 - 8:37

މިހާތަނަށް ހުރިހާ ވެރިކަމެއްގައި ވެސް ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ހުރިހާ ބާރުތަކެއް މާލެ އަށް ޖަމާކޮށްފައި އޮތުމެވެ. ޓެކްސް ނިޒާމު ނެތް ޒަމާނުގައި ވެސް އެކަން އޮތީ އެގޮތަށެވެ. ތަރައްގީ ވެސް އޮތީ މާލެއަށެވެ. ޓެކްސްގެ ނިޒާމު ވުޖޫދުވެ އެންމެން އެއް އުސޫލަކުން ޓެކްސް ދެއްކި ނަމަވެސް އެ ޓެކްސް ބޭނުންކޮށްގެން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ މައި ނާރެހަކަށް ވެފައި އޮތީ މާލެ އެވެ. ތަރައްގީ މިނެކިރުމުގައި ގެންގުޅޭ މިންގަނޑުގެ ބަރުމަރުކާ ވެސް ޖަހާފައި ވަނީ މާލޭގައެވެ. ނަތީޖާއަކީ ރަށްރަށުގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ފުރަ މާލެއަށް "ސަލާންޖަހަން" އަންނަން ޖެހުމެވެ.

މާލެ ތޮއްޖެހުމުގެ މައިގަނޑު ސަބަބަކީ ވެސް ރަށްތަކުގައި ހިދުމަތްތަކާއި ވަސީލްތައް ގާއިމުކުރެވިފައި ނެތުމެވެ. އެކަން ބަދަލުކުރުމަށް އެންމެ ބޮޑަށް އަޑުއުފުލާ ބަޔަކީ މިސަރުކާރުގެ މައި ޕާޓީ އެމްޑީޕީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލާމަރުކަޒު ކުރުމުން ކަރުދާހަށް ތިރިކުރި ނަމަވެސް އެކަމުގެ ފަހަތުގައި އޭރު އޮތީ އެހެން ބޭނުމެކެވެ. އެކަން ވެފައި އޮތީ ބޭރުގެ ފަންޑުތައް ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި "ލޮލުގައި އަނދުން އެޅުވުން" ފަދަ ކަމަކަށެވެ. ލާމަރުކަޒީ ނިޒާމަކީ ކޮބައިކަން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީންނެވެ. އެއީ އެމްޑީޕީގެ "ހާއްޔެއް" ކަމަށް އެ ޕާޓީގެ ވެރިން ސިފަކުރައްވާ މައިގަނޑު ސަބަބަކީ ވެސް އެއީއެވެ.

ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް 2008 އިން ފެށިގެން އެމްޑީޕީން ކުރި މަސައްކަތް 2012 އާ ހަމައިން ހުއްޓިފައި އޮތުމަށް ފަހުން އަލުން އެ ނިޒާމަށް ރުޖޫއަވުމަށް، 2018ގެ ރިޔާސީ އިންތިހާބާ އެކު އެމްޑީޕީ އަށް ވަނީ ފުރުސަތު ލިބިފައެވެ. ސަރުކާރާއި މަޖިލިސް ކާމިޔާބުވުމުން އެކަމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ގާނޫނު ބައްޓަންކުރެވި މާލޭގައި ޖަމާވެފައި ހުރި ގިނަ ބާރުތަކެއް ރަށްތަކަށް ދިނުމަށް ނިންމައި، ހޮނިހިރު ދުވަހު އެކަން ކުރާނެ ފަރާތްތައް ހޮވުމަށް އިންތިހާބު އެ ވަނީ ބާއްވާފައެވެ. މި އިންތިހާބަކީ އެމްޑީޕީ އަށް ނާކާމިޔާބު އިންތިހާބެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ވަގުތީ ނަތީޖާތަކުން ދައްކަނީ ލާމަރުކަޒު ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކޮށްފި ކަމެވެ.

މި ސަރުކާރުން މިހާތަނާ ޖެހެންދެން ހިންގި ގިނަ މަޝްރޫއުތައް އަމާޒުވެފައި އޮތީ ވެސް ރަށްތަކަށެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެފައި އޮތީ މި ފަސް އަހަރު ނިމުމުގެ ކުރިން ރަށްތަކުގައި އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަކުރުމެވެ. ހާއްސަކޮށް މި ދައުރު ނިމޭ އިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވާ ފަދައި ތަރައްގީގެ ވާހަކަ ދެއްކެން އޮތީ ފެނާއި ނަރުދަމާ ގާއިމުކޮށް ގައިން ތާހިރުވެގެންނެވެ. އެކަމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން ސިއްހީ ނިޒާމާއި ތައުލީމާއި އެ ނޫން ވެސް ރައްޔިތުން ބޭނުން ޖެހިފައިވާ އެތައް މުހުތާދުތަކެއް ފުރިހަމަވާނެ ގޮތަށް ރަށްތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެބަ ހިންގައެވެ. އަދި ގިނަ މަޝްރޫއުތަކެއް ހުރީ ފެށުމުގެ މަގުމަތީގައެވެ. މާލޭގައި ބިޔަ ބޮޑު މަޝްރޫއުއް ފެންނަން ނެތް ނަމަވެސް ރަށްރަށުގައި އެ ރަށެއްގެ ފެންވަރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގާކަން ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއެއް ވެސް އެނގެއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަން ގަބޫލުކޮށްފިކަން ވެސް ރަށްތަކުގެ ނަތީޖާތަކުން ހާމަވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު މާލެ އާއި އަދި އާބާދީ ބޮޑު ބައެއް ސަރަހައްދުތަކުގައި އެމްޑީޕީން ކުރަމުން އައި ރަސްކަން ނިމުނު ކަމުގައި ވިޔަސް ގިނަ ރަށްތަކެއްގެ ކައުންސިލްތައް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަތޮޅު ކައުންސިލްތަކުގައި ވެސް އެމްޑީޕީން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ. މިކަމުން ސަރުކާރަށް އަދި އެމްޑީޕީ އަށް ރަނގަޅު މެސެޖެއް ވެސް ލިބިގެންދެއެވެ. މިއީ ރަށްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ގިނަ ބަޔަކަށް ކަމުދާ ކަމުގެ ހެއްކެކެވެ. ތަރައްގީކުރަންވީ މުޅި ރާއްޖެ އެކުއެކީގައި ކަން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނާތީޖާ އިން ވަރަށް ސާފެވެ. ތަރައްގީކުރުމުގައި ހަމަހަމަކަން އިސްކުރަންޖެހޭކަން އެއީ ގަބޫލުރަންޖެހޭ ހަގީގަތެކެވެ.