ހއ. ހޯރަފުށީ ފެރީ ޓާރމިނަލްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

8 އެޕްރީލް 2021 - 1:22

ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅާ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަލްފާޟިލް އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ( ހއ. ހދ. ށ.) އަށް ފޯރުކޮށް ދޭ ފުރަތަމަ ސްޕީޑް ފެރީގެ ޙިދުމަތެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާރމިނަލެއް 41 ރަށެއްގައި ޤާއިމުކުރެވޭނެއެވެ. މި ނިޒާމް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ޙައްލު ލިބޭނެ އައު ނިޒާމެއްގެ ގޮތުގައި ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިގޮތުން މިއައު ނިޒާމް އަކީ އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެކެވެ. އަދި މިނިޒާމްގައި ބޭނުންކުރާނެ ފެރީ ތަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެވެ. މިފެރީތައް ބަނުމުގައި އިސްކަންދީފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަށެވެ.

މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައިވާނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ޤާއިމްކުރެވޭނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުމަކީ އެ ކުންފުނީގެ މަޤްޞަދުތަކަށް އެމްޓީސީސީއިން ބުނެއެވެ.