އަނެއްކާވެސް ބިރަކާ ނުލައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިންނަށް

7 އެޕްރީލް 2021 - 6:42

މިވޭތުވެދިޔަ އެތައް ޒަމާންތަކެއްގައި ހިނގި ވެރިކަންތަކުގައި، ދިވެހިންނަށް ދުލުގެ މިނިވަންކަން ނުވަތަ ބަސްބުނުމުގެ މިނިވަންކަން ލިބިފައިވަނީ އެކި މިންވަރަށެވެ. ބައެއް ވެރިކަންތަކުގައި، ބައެއް ކަންކަމާމެދު އާއްމު ރައްޔިތުމީހާ ބަސްބުނެ ހެދުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއްނޫނެވެ. ވަކީން ޚާއްސަ ގޮތެއްގައި، ޤައުމުގައި ހިނގާ ކަންކަމަށް ނުވަތަ ރައްޔިތުންނާ ގުޅޭ ޚައްސާސީ ކަންކަމުގައި، އާއްމު ރައްޔިތުމީހާގެ ޝުއޫރު ބުނުމަކީ ބޮޑުވެގެންވާ ކުށަކަށްވެފައި އޮތް ދުވަސްވަރެއްވެސް ދިވެހިން ތަޖުރިބާކޮށްފިއެވެ. ބަސްބުނުމުގެ ހިތިބޭސް ކިތަންމެ ފަހަރަކު ކިތަންމެ ގޮތަކަށް ދިވެހިން ބޮއިފިއެވެ.

2018 ވަނަ އަހަރު، އައު ސަރުކާރަކަށް ދިވެހިން މަރުހަބާކީ ޒަމާންތަކެއް ވަންދެން ދިވެހިންގެ ތެރޭގައި ހިފެހެއްޓިގައިއޮތް ޚިޔާލުފާޅުކުރުމާއި ބަސްބުނުމުގެ ހައްޤު، ނާޒުކު މިންވަރަކަށް ހަނިވެފައިވާ ދަނޑިވަޅެއްގައެވެ. ކޮންމެއަކަސް، ވެރިކަމަށް 2 އަހަރުވީއިރު، ހަޤީޤީ މާނައިގައި ދިވެހިންނަށް ޚިޔާލުފާޅުކުރުމާއި ބަސްބުނުމުގެ މިނިވަންކަން ލިބިއްޖެއެވެ. ދިވެހިރާއްޖޭގައި ދުލާއި ޤަލަމުގެ މިނިވަންކަން މިއަދު މިވަނީ އިމެއް ނެތް ދަރަޖައަކަށް 'މައްޗަށް ޖެހިފައެވެ'. އެމީހަކު ބުނާނެ އެއްޗެއް، ލިޔާނެ އެއްޗެއް، ދައްކާނެ ވާހަކައެއް، ދައްކާނެ މަންޒަރެއް ހަމަ ދައްކަންވީއެވެ. ބިރެއް ނެތި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަނެއްކާވެސް މިއޮތީ ލިބިފައެވެ.

މިއަދު އިދިކޮޅު ފަރާތްތަކާއި ސަރުކާރުގައި ހިމެނޭ ފަރާތްތަކަށް ޔަޤީންވާނެ ކަމަކަކީ، ހިޔާލު ފާޅުކޮށްގެން ވަޒީފާއެއް ނުގެއްލޭނެކަމެވެ. ސިޔާސީ ހަރަކާތްތަކުގައި މަޖުބޫރުން ބައިވެރިނުކުރާނެ ކަމެވެ. އަދި ކިއެއްތަ، މިހާ ބޮޑަށް މީޑިއާ އާއި ދޯޅު އެކުވެރި ސަރުކާރެއް ދިވެހިން ނުދެކޭ ކަން ޔަޤީނެވެ. ގަދަބާރުން ނޫސްވެރިން ހައްޔަރުކޮށް، މަރާލެވި، ނޫސްތައް ބަންދުކޮށް ބިރުދެއްކުމުގެ ސަޤާފާތް މިސަރުކާރުން ކަނޑުވާލީ ވެރިކަމާ ހަވާލުވި ދުވަހުކަން ދިވެހިން ދަންނާނެއެވެ.

މިނިވަންކަމާއެކު ބަސްބުނާ ކޮންމެ މީހަކު އޮއްޓު އަޅައިގެން ހުރަގޭގައި އަނދަގޮނޑި ނުޖަހާނެކަން ޔަޤީންވާ ދުވަސްވަރެއް މިހާ ފުރިހަމަކޮށް ނުލިބޭކަމަށް ގިނަ ނޫސްވެރިންވެސް ދެބަސް ނުވާނެއެވެ. އަޅުގަނޑުމެން ދިވެހިންގެ ވިސްނުމާއި ފިކުރު އޮންނަންވީ މިސްރާބަކީ ތަހުޒީބީ މުޖުތަމައުތަކުގައި ބަސްބުނުމާއި ކަންކަމުގައި ޒުވާބުދޭންޖެހޭ އިންތަކާއި މިންތައް އިހްތިރާމާއެކު ކުރިއަށް ގެންދެވޭނެގޮތަކަށް ތަރުތީބު ވެފައި އޮންނާނެ ގޮތެކެވެ. ބޭނުން އެއްޗެއް ބޭނުން މީހަކު ކިޔަންވީއެވެ. އެކަމަކު އިހްތިރާމާއެކީ އެވެ. ބޮޑެތި ދޮގާއި ފަސާދަ ނުލައި، ހެއްކާ ޤަރީނާއާއެކު ދައްކަންވީއެވެ.