ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއިން ނޭޝަންވައިޑް ކާގޯ ސްޓަޑީއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ފެބުރުއަރީ 2024 - 13:30

ރާއްޖޭގަ އެންމެގިނަ ޑޮމެސްޓިކް އެއަރޕޯޓް އޮޕަރޭޓްކުރާކުންފުނި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރް.އޭ.ސީ.އެލް) އިން ނޭޝަންވައިޑް އެއަރކާގޯ ދިރާސާއެއް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި އެއްކޮށް އެމް.ޔޫ.އޯއެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ 1 ފެބްރުއަރީ 2024 ގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކޮންފެރެންސް ހޯލުގައެވެ.

އާރް.އޭ.ސީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު މުބީންއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މުޅިރާއްޖެ ހިމެނޭހެންކުރާ ދިރާސާ ކުރިޔަށްދަނީ ރަށްތައް 3 ސަރަހައްދަކަށް ބަހާލައިގެން ކަމަށާއި ދިރާސާ ނިންމުމަށް ތާވަލް ކުރެވިފައިވަނީ 4 މަސްދުވަހުން އާރް.އޭ.ސީ.އެލްއިން ހާމަކުރިއެވެ.

މީގެ އިތުރުން އާރް.އޭ.ސީ.އެލްއިން މައުލީމާތު ދިންގިތުގައި މިދިރާސާއިން ހޯދޭނެ ބައެއް މައުލޫމާތު ތަކުގެ ތެރޭގައި ތިރީގައި މިވާކަންކަން ހިމެނެއެވެ.

  • ރައްޔިތުންގެ މެދުގައި އެއަރކާގޯ މެދުވެރިކޮށް އަވަސްކޮށް މުދާ ފޮނުވަންބޭނުންވެފައިވާ މިންވަރު ދެނެގަތުން.
  • ވިޔަފާރި ތަކުން އެއަރކާގޯ މެދުވެރިކޮށް މުދާ ފޮނުވަންބޭނުންވެފައިވާ މިންވަރު ދެނެގަތުން.
  • އެއަރކާގޯ މެދުވެރިކޮށް މުދާފޮނުވުމަށްޓަކައި ދިމާވާ ދަތިތައް އަދި މިކަންކަން ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން.  
  • ކަނޑުމަގުން އެއަރޕޯޓާއި އެހެން ރަށްތަކާއި ދޭތެރޭ ކަރގޯ ގެންދިއުމަށް ހުރި ހުރަސްތައް ދެނެގަތުން.
  • ރީޖަނަލް އެއަރޕޯޓްސްތަކުގައި އެއަރކާގޯގެ ޚިދުމަށް ދިނުމަށްޓަކައި ވަސީލަތްތައްހުރި މިންވަރު ދެނެގަތުން.

އާރު.އޭ.ސީ.އެލްގެ ފަރާތުން ބޭރުގެ ކުންފުންޏަކާއި އެއްކޮށް ޑްރޯން މެދުވެރިކޮށް ކާގޯ އެއްތަނުން އަނެއްތަނަށް އުފުލުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަޝްވަރާތަކެއްވެސް ކުރުވެމުން އެބަދެއެވެ.