ހދ. ހަނިމާދޫ ބަނދަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

18 ނޮވެމްބަރ 2021 - 9:51

ހދ. ހަނިމާދޫ ބަނދަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ.

އަދި ހަމަ އެހެންމެ ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް 17 ނޮވެމްބަރ 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.