ސަރުކާރުން އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރަނީ
11 އެޕްރީލް 2024 - 11:42
އިތުރު 11 ރަށެއްގައި އައިސްޕްލާންޓު ގާއިމްކުރުމަށް ނިންމަވާފައިވާކަން ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސްޕްލާންޓު ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މިމަސައްކަތް ކުރުމަށް ސަރުކާރުން މިހާރު ވަނީ މިފްކޯ އާއި ޙަވާލު ކޮށްފައެވެ.
އާ މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.
ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރަށް ޤާއިމްކުރާ އައިސް ޕްލާންޓްތަކާއެކު މަސްވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.