ކަރަންޓާއި ފެންބިލުގެ ޖޫރިމަނާ ރައީސް މަޢާފްކޮށްދެއްވައިފި
24 މާޗް 2024 - 18:29
ކަރަންޓު ބިލާއި ފެން ބިލުތަކުގެ ޖޫރިމަނާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފުކޮށްދެއްވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމައި ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ނުދެއްކި ހުރި ފައިސާ ލުއި ގޮތަކަށް ދެއްކޭނެ ގޮތަށް އެއްބަސްވުމެއް ހެދުމަށް ވެސް ކުންފުނިތަކުގައި ދަންނަވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިމަހުގެ ތިންވަނަ ދުވަހު އޭދަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މި ރަމަޟާން މަހުގައި ކަރަންޓާއި ފެން ބިލު ހުންނާނީ އެހެން މަސްތަކުގައި ވެސް ހުންނަ ވަރުގައި ކަމަށާއި އެއަށްވުރެ ބިލު ބޮޑުނުވާނެ ކަމަށް ވިދާޅުވެފައެވެ.
"އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ. މިހާރު ފެނަކަ އާއި ސްޓެލްކޯގައި އަޅުގަނޑު ދަންނަވާފައިވާނެ، އެމްޑަބްލިޔުއެސްސީއަށް ވެސް ދަންވާފައިވާނެ އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އެފަދަ ލުއިތައް ރައްޔިތުންނަށް ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާވެރިކަމެއް ކަމަށާއި އިގުތިސާދީ ހާލަތާއެކު ރައްޔިތުން ވެސް ތިބީ ވަރަށް ހާލުގައި ކަމަށެވެ.