ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

18 މާޗް 2024 - 17:13

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް އެމްއޭސީއެލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ މަގުތައް މަރާމާތު ކުރުމާއި ރީސާފަސް ކުރުމުގެ މަސައްކަތް އާރުޑީސީން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއެކު، މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތު ކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތް ވެސް ކުރުމަށް މި އެއްބަސްވުމުގައިވެއެވެ.

މީގެ އިތުރުން މަގުތަކުގެ ފެން ހިންދުމުގެ ނިޒާމުތަކާއި އަދި އެކަމާ ގުޅުން ހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާ އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި ޕޭވްމަންޓުތަކާއި އެ ނޫން ވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާ އެކު، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން އާރުޑީސީން ކުރާނެއެވެ.

އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މަގު ހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އެމްއޭސީއެލްގައި އޮތަސް ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ކުރަން ޖެހޭނީ އެ ޓީމުން އާންމުކޮށް ކުރާ މަސައްކަތް ހުއްޓާލުމަށް ފަހު ކަމަށް ވާތީ، ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. އަދި މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާ އެކު އެ ކުންފުނިން ސޮއިކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު ވިދާޅުވީ، މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމުން ބޭރު ކުންފުނިތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އާރުޑީސީއަކީ ވެސް އެމްއޭސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް ވިދާޅުވިއެވެ.