ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށައިފި

3 ފެބުރުއަރީ 2024 - 13:56

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކެމްޕެއިން ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލްއެވެ.

ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުން ކަމުގައި ހެލްތު މިނިސްޓްރީން ހާމަކުރިއެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން ހިމެނޭ ކަމުގައި މިނިސްޓްރީ އިން މައުލޫމާތުދިނެވެ.

މީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސް ( އެމް.ބީ.އެސް ) އިން ކުރިއަށް ގެންދާ މި ޤައުމީ ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެކަން ހެލްތު މިނިސްޓްރީއިން ފާހަގަ ކުރިއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީއިން ހާމަކުރިއެވެ.

އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާ، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.. މީގެ އިތުރުން ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.