މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިން މައްސަލައަށް ބޮޑު ހައްލެއް: ހެވީ ވެހިކަލް ޕާކު ކުރުމަށް ހުޅުމާލެ އިން ޖާގަ ދެނީ!
18 ޖެނުއަރީ 2023 - 12:45
މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލެގައި ގާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕާކިން ޒޯނުން މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކު ކުރާނެ ޖުމުލަ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއުލާނު ކޮށްފައިވާ ކަމަށެވެ
އެގޮތުން، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޕާކިން ޒޯނަކީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނެވެ. ކުއްޔަށް ދޫކުރެވޭ ޕާކިން ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރުގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގައެވެ.
އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އެ ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01 ރުފިޔާ އަށެވެ. އަދި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ އިތުރުން، އެ ޖާގަތަކަށް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކިން ބޭނުމަށެވެ. މީގެ އިތުރުން އެ ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި 100 ޕަސެންޓު ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދަށެވެ.
އެޗްޑީސީ އިން މިއަދު ބުނީ އެ ބީލަމާ ބެހޭ އިތުރު މައުލޫމާތު (ހުޅުމާލެއިން ހެވީ ވެހިކަލް ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމާއި ގުޅޭ (hdc.com.mv)) ލިންކް އިން ލިބެން ހުންނާނެ ކަމަށެވެ.
ޕާކިންގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީން ވަނީ ޕެއިޑް ޕާކިން ޒޯންތަކުން ބީލަމުގެ އުސޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ. އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހު ވަނީ ހުޅުމާލެގައި ޕާކިން ބިލްޑިންގެއް ގާއިމްކުރުމަށް ދަމާސް ކޮމްޕެނީ އާއި ހަވާލުކުރެވިފައެވެ.